ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑު ދަންފަޅީގެ ކަވަރޭޖް – 17 އޮގަސްޓް 2006 (ބުރާސްފަތި)
23:30 – މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ޖަމީލު އަޙްމަދު ބައްދަލުވުން ނިންމުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ. ކުރީޒަމާނުގައި ފަނޑިޔާރުންނޭ ބުނުމުން މީހުން ބިރު ގަންނަކަމަށް އަދި އެޒަމާނުގައި އަތްދިއްކުރާ ކޮންމެ އެއްޗެއް ފަނޑިޔާރުންނަށް ލިބޭކަމަށް މިނިސްޓަރ ވިދާޅުވެއްޖެ. ރާއްޖޭގެ ފަނޑިޔާރުންނަކީ ވަރަށް ޢިލްމުވެރި ބޭފުޅުން ކޮޅެއް ކަމަށާއި އެންމެ އިހުޒަމާނުގައި ޢަރަބި ކަރައިގެ ޤައުމުތަކުން ވަޑައިގެންނެވި ޢިލްމުވެރި ބޭފުޅުން ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވާކަމަށް ވިދާޅުވެއްޖެ. އެހެންވުމާއެކު ފަނޑިޔާރު ކަމުގެ މަޤާމަކީ ފަޚުރުވެރިވުން ޙައްޤު މަޤާމެއްކަމަށް ވިދާޅުވެއްޖެ.
މުސްލިމުންގެ ޝަރްޢީނިޒާމަކީ އިތުބާރުކުރެވޭ ނިޒާމެއް ނޫންކަމަށް ބައެއް ހުޅަނގުގެ ޤައުމުތަކުން ދެކޭކަމަށާއި އެއީ އެކަމަކު ހަޤީޤަތެއް ނޫންކަމަށް ވިދާޅުވެ ޤުރުއާނުންނާއި ހަދީސުން ހެކި ދައްކަވައިފި. ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކޮށްދީފައިވަނީ ހަމައެކަނި އދ.ގެ ޗާޓަރާއި އެހެން ބައިނަލް އަގުވާމީ ކޮންވެންޝަން ތަކުން އެކަނި ނޫންކަމަށް ވިދާޅުވެއްޖެ.
އަދި މިހާރު ހުންނަ ފަދަ ކޯޓުތައް ފުރަތަމަ ޤާއިމް ކުރެވުނީވެސް މުސްލިމް ދައުލަތުގައި ޚަލީފާ ހާރޫނު ރަޝީދުގެ ޒަމާނުގައި ކަމަށް ވިދާޅުވެއްޖެ.
މިމަހާ ސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަދުލު އިންސާފު ޤާއިމުވާކަމަށް ރައްޔިތުންނަށް ޤަބޫލުފުޅު ކުރެއްވޭ ފަދަ ގޮތަކަށް ކަންކަން ކުރެއްވުމަށް ފަނޑިޔާރުން ގެ ކިބައިން އެދި ވަޑައިގެންފައިވާތީ އެކަން ހަނދުމަފުޅުކޮށް އަރުވައިފި.
އަޅުގަނޑުމެންގެ ޤައުމަށް އަންނަމުންދާ ކުރިއެރުމާއެއް ހަމައެއްގައި ޢަދުލު އިންސާފުގެ ދާއިރާއިންވެސް އެއްހަމައެއްގައި ފިއިތިލަ ސާބިތުކުރަން ޖެހޭނެކަމަށް ވިދާޅުވެއްޖެ.
ފަނޑިޔާރުން ކަންކަން ދިރާސާ ކުރައްވާ ފޮތްކިއުއްވާ މަޢުލޫމާތު މުއްސަނދި ކުރެއްވުމަށް އެދި ވަޑައިގެންފި. އަދި ޤާނޫނުތަކާ ޤަވާޢިދުތައް ދިރާސާ ކުރައްވާ އޭގެތެރެއަށް އިތުރަށް ވެންނެވުމަށް ވިދާޅުވެއްޖެ.
މި މަހާސިންތާއިން ހުށަހެޅުނު މައްސަލަތަކާއި ޚިޔާލުތައް ތަންފީޒުކުރުމަށް މާދަމައިން ފެށިގެންވެސް މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެއްޖެ. އަދި މިކަންކަން ހަމަޖެހެންދެން ގުޅުހުރި އޮފީސް ތަކުގެ ކޮންމެ ދޮރެއްގައި ޓަކި ޖެއްސެވުން ހުއްޓަވާ ނުލައްވާނެ ކަމަށް ވިދާޅުވެއްޖެ.
މިއަހަރު ނިމުމުގެ ކުރީގައި ކުރިއަރާފައި ގައުމުތަކުގައި ހުންނަފަދަ ނިޒާމުތައް ޢަދުލުއިންސާފުގެ ދާއިރާއަށް ތަޢާރަފް ކުރުމަށް ބޭރުގެ ތަޖްރިބާ ކާރެއްގެންނަވާނެ ކަމަށް ވިދާޅުވެއްޖެ. މީގެ ތެރޭގައި ކޭސްމެނޭޖްމަންޓާއި ޕްރީޓްރައިލް ފަދަ ކަންކަން ހިމެނޭނެ ކަމަށް ވިދާޅުވެއްޖެ.
އަންނަ ހަފުތާގައި އާބިޓްރޭޝަނާބެހޭ ސެމިނާރއެއް ބާއްވަނެ ކަމަށް ވިދާޅުވެއްޖެ. މަހާސިންތާގެ ހުރިހާ ބައިވެރިންނަށް ޝުކުރުދަންނަވައިފި. ޖަސްޓިސްދާއިރާގައި ކުރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޝުކުރުދަންނަވައިފި.
ރާއްޖެ މިއަދުމިދެކޭ ތަރައްޤީ އަކީ ޢިލްމު ވެރި ރައީސަކު ހުންނަވާތީ އެމަނިކުފާނުގެ ހިކްމަތްތެރިކަމުން ލިބެމުންދާ ކުރިއެރުންތަކެއް ކަމަށް ވިދާޅުވެ ރައީސަށް ޝުކުރު ދަންނަވައިފި.
އުއްތަމަފަނޑިޔާރު އާލާސްކަންފުޅު ހުރިގޮތުން މި މަހާސިންތާގައި ބައިވެރިވަޑައި ނުގެންނެވުނީތީ އެކަމާ ހިތާމަ ކުރައްވާކަމަށް ވިދާޅުވެއްޖެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރައްވައިފި.
މަހާސިންތާ ނިންމުމުގެ ޖަލްސާ ނިމިއްޖެ.
23:23 – ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކފުޅު ދައްކަވަނީ ހއ.ތުރާކުނު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް. ބައްދަލުވުމުން އިންތިޒާމު ކުރެވިފައިވާ ފުރިހަމަ ކަމަށްޓަކައި ވަރަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވި. މި ބައްދަލުވުމުގެ އިންތިޒާމު ތަކުގެ ފުރިހަމަ ކަމަށްޓަކައި އެންމެހާ ބައިވެރިން ފަޚުރުވެރިވާކަމަށް ވިދާޅުވި. ސަރުކާރުން މިދާއިރައަށް ދެއްވާ އިސްކަމަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވި.
23:15 – މިހާރު ވާހަކަ ފުޅު ދައްކަވާނީ މިނިސްޓަރ އޮފް ޖަސްޓިހުގެ ނާއިބު އަލްފާޟިލް މުޙައްމަދު މުޢިއްޒު ޢަދުނާނު. އޭނާ ފާހަގަ ކުރައްވާ ގޮތުގައި ބަޖެޓް ތަންދޭމިންވަރަކުން ކަންކަން ތަންފީޒު ވަމުންދާނެ ކަމަށް. ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކުގެ އެހީތެރިކަން މި މަހާސިންތާއަށް ލިބުނީތީ ވަރަށް ބޮޑަށް ޝުކުރު ދެނެނެވި.
23:07 – ބައްދަލުވުން ތަޢާރަފްކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒް އަލްފާޟިލް ޚާލިދު ޤާސިމް ވާހަކަފުޅު ދައްކަވަނީ. އޭނާ ފާހަގަ ކުރައްވަނީ މި މަހާސިންތާ ކާމިޔާބު ވުމުގައި ވަރަށްބުރަތަކެއް އުފުއްލެވި ހުރިހާ ފަނޑިޔާރުންނަށާއި މިނިސްޓްރީ އޮފް ޖަސްޓިސް އާއި ކޯޓުތަކުގެ މުވައްޒަފުން އުފުއްލެވީތީ ޝުކުރު ދަންނަވާކަމަށް.
23:00 – ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ނިންމުމުގެ ރަސްމިއްޔާތު ފެށިއްޖެ. މިހާރު ކުރިއަށް ދަނީ ކީރިތި ޤުރުއާން ކިޔެވުން ޤުރުއާން ކިޔަވާ ވިދާޅުުވަނީ ފ.މަގޫދޫ ކޯޓުގެ އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު.
22:30 – އަރުވާލާ މީހުން ރަށްރަށުން ބަލައިގަތުމުގައި ބައެއް ރަށްރަށުން ފަސްޖެހޭކަމަށް ހޯމް މިނިސްޓްރީއިން ފާހަގަ ކުރައްވައިފި. ޣައިރު ޙާޟިރުގައި ޙުކުމް ކުރެވޭ މީހުންގެ ޙުކުމް ތަންފީޒު ކުރުމުގެ ބައި ކުރިއަށް ގެންދިއުމަށް އުސޫލުތަކެއް ކަނޑައެޅެމުންދާ ކަމަށް ހޯމްއެފެއާޒުން ފާހަގަ ކުރައްވައިފި.
ގަޑިޖެހުމާ ގުޅިގެން ބައްދަލުވުން ނިންމަވާ ލައްވައިފި.
21:50 – ކޯޓަށް މީހުން ޙާޟިރުކުރުމުގައި ބައެއް ފަހަރު ވެހިކަލް ނެތިގެން ނުވަތަ އުޅަނދުގެ ދަތިކަމުން ގަޑިއަށް ޙާޟިރު ނުކުރޭ މައްސަލަ ފާހަގަ ކުރެވުމާ ގުޅިގެން މުސްތަޤްބަލުގައި އެކަން ޙައްލު ކުރައްވާނެ ކަމަށް ހޯމް އެފެއާޒުން ވިދާޅުވެއްޖެ. ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޕެނިޓެންޝަރީގެ ދައުރު މިހާރަށްވުރެ ހަރުދަނާ ކުރައްވަން ބޭނުން ފުޅުވާކަމަށް ބައިވެރިން ހުށަހަޅުއްވާ.
21:40 – ވާހަކަ ދައްކައިގެން ޙައްލުކުރެވޭނެ ވަރަށްގިނަ ކަންކަން އެބަހުރި ކަމަށާއި، އެހެން ވީމާހޯމްއެފެއާޒާއި ޖަސްޓިހާ ކޯޓުތައް ވާހަކަދައްކަވައިގެން ހައްލުކުރެވޭނެ ކަންކަން ވާހަކަދައްކައިގެން ހައްލު ކުރުމަށް އިތުރު ބައްދަލުވުން ތަކެއް ބޭއްވުމަށް ހޯމް އެފެއާޒުން ހުށަހަޅުއްވައިފި.
21:25 – އަރުވާލުމަށް ކަނޑައެޅޭ ހުކުމްތައް އެއީ އަދަބެއްނޫންކަމަށް ފާހަގަ ކުރައްވައިފި. އެއީ ކުށްކުރުމުގެ ފަލްސަފާވެސް މިހާރު ބަދަލު ވެފައިވާތީ އަދަބު ކަނޑައެޅުމުގެ ބައިވެސް މިހާރު އިސްލާޙްވާން ވެއްޖެ ކަމަށް ހޯމްމިނިސްޓްރީއިން ފާހަގަ ކުރައްވައިފި. ޖަލަށް ޙުކުމް ކުރެވޭ މީހުން ވަރަށްއަވަހަށް ޖަލުން ވީއްލި ބޭރުތެރެއިން ފެންނަނީ ކީއްވެތޯ ސުވާލުކުރެވިއްޖެ. ޑްރަގް މައްސަލަ ތަކުގައި ޙުކުމް ކުރެވޭ މީހުންނަށް އެން ސީ ބީއަށް ލިބިފައިވާ ޤާނޫނީ ބާރުގެދަށުން ފަރުވާއަށް ވީއްލޭ މީހުން ފިޔަވާ އެހެންބަޔަކު ޖަލުން ނުވީއްލޭނެ ކަމަށް ހޯމް އެފެއާޒުން ވިދާޅުވޭ.
21:10 - ކަރުދާސް ހުށަހަޅާ ނިމުމާއެކު ފްލޯރ ހުޅުވާލެވިއްޖެ. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ވަރަށް ބޮޑަށް ދަތިވާކަމަށާއި އަދި ބިމާބެހޭ ތަފާތު މައްސަލަތައް ތަންފީޒު ކުރުމުގައި މުނިސިޕަލްޓީ ގެ ފަރާތުން މިހާރަށްވުރެ ބޮޑަށް ކޯޓުގެ އެންގެވުމާ އެއްގޮތަށް ޢަމަލު ކުރެއްވުން މުހިންމު ކަމަށް ފާހަގަ ކުރެވިއްޖެ.
20:55 - މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެކު ބޭއްވުމަށް ހަމަޖެހުނު ސެޝަން ފެށިގެން ކުރިއަށްދަނީ. މަޝްވަރާކުރެވެނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މާލޭމުނިސިޕަލްޓީއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާރވިސަސްއާއެކު. އެދާއިރާތަކުގެ މަސައްކަތާގުޅޭ ކަރުދާސް ދަނީ ހުށަހަޅަމުން.
20:30 - މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެކު ބޭއްވުމަށް ހަމަޖެހުނު ސެޝަން ފެށިގެން ކުރިއަށްދަނީ. މަޝްވަރާކުރެވެނީމިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މާލޭމުނިސިޕަލްޓީއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާރވިސަސްއާއެކު. އެދާއިރާތަކުގެ މަސައްކަތާގުޅޭ ކަރުދާސް ދަނީ ހުށަހަޅަމުން.