ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ދެވަނަ ދުވަހުގެ ރޭގަނޑުަ ދަންފަޅީގެ ކަވަރޭޖް – 15 އޯގަސްޓް 2006 (އަންގާރަަ)
22:20 - ލޯ ސޮސައިޓީއާ އެކު ބޭއްވުނު މަޝްވަރާތައް ކަނޑައެޅިފައިވާ ގަޑި ހަމަ ވުމާއެކު ނިންމަވާ ލެއްވުމާ ގުޅިގެން މިރޭގެ ސެޝަން ނިންމަވާ ލައްވައިފި.
މާދަމާގެ ސެޝަންތައް ފެށޭނީ ހެނދުނު 8:30 ގައެވެ.
22:15 - ކޯޓުކަލަންޑަރެއް އޮތުމުން އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކާބެހޭގޮތުން ބައެއްބައިވެރިން ވާހަކަފުޅު ދައްކަވައިފި. ނަމަވެސް ބައެއްކޯޓުތަކުގައި އެކަށީގެންވާ ޢަދަދަކަށްވުރެ ގިނައިން މައްސަލަ ހުށަހެޅޭތީ ކޯޓުކަލަންޑަރާއި ކޭސްމެނޭޖްމަންޓް ތަޢާރަފް ކުރުމުގައި ދަތިވާކަމަށާއި، ވަކީލު ކަމުގެ މަސައްކަތަށް އަލަށް ނުކުންނަ ބައެއް ބޭފުޅުން އެކަށީގެންވާ ތަމްރީނެއްނެތި މަސައްކަތަށް ނުކުންނަވާތީ ކޯޓުތަކުގެ މަސައްކަތަށް ދަތިވާކަމަށް ފާހަގަ ކުރައްވައިފި. ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަކީ ވަރަށްބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ލޯ ސޮއިޓީގެ ފަރާތުން ފާހަގަކުރައްވައިފި. ކޭސް މެނޭޖް ކުރެއްވުމުގައި ކޯޓު މެނޭޖަރުން ތިބުމުގެ މުހިންމު ކަމުގެ މައްޗަށް ލޯ ސޮސައިޓީގެ ފަރާތުން ފާހަގަ ކުރައްވައިފި. މަހާސިންތާގެ ބައެއް ބައިވެރިން ފާހަގަ ކުރައްވާ ގޮތުގައި ޕްރީޓަރައިލް ފަދަ އާކަންކަން ތަޢާރަފް ވާއިރު އެކަންކަމަށް ޤާނޫނީ ވަކީލުން ހޭލުންތެރި ކުރުމަށް ލޯ ސޮސައިޓީގެ ފަރާތުން ޕްރޮގްރާމެއް ހިންގިދާނެތޯ ސުވާލުކުރެއްވި. ޝަރްޢީދާއިރާގެ މުސްތަޤިއްލު ކަމަކީ ފަނޑިޔާރުންނެކޭ އެއްގޮތަށް ލޯސޮސައިޓީއަށްވެސް ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވި. ވަކީލުންނަށް ކޯޓުތަކުން ޢާންމު ގޮތެއްގައި ވަރަށް އިޙްތިރާމް ކުރައްވާތީ އެކަމަށްޓަކައި ކޯޓުތަކަށް ޝުކުރު އަދާކުރައްވާކަމަށް ފާހަގަ ކުރެއްވި.
21:45 - ޝަރީޢަތަށް ބޭނުންނުވާ ވާހަކަތަކާއި ހެކި ހުށަހެޅޭނަމަ އެކަންކަން ޝަރީޢަތުގެ ފަރާތުން ހުއްޓުވެން ޖެހޭނެ ކަމަށް ލޯސޮސައިޓީއިން ފާހަގަ ކުރެއްވި. ޝަރްޢީދާއިރާ ގެ ކުރިއެރުމުގައި ވަކީލުންގެ ދައުރު ވަރަށް މުހިންމުކަމަށް ބައިވެރިން ފާހަގަ ކުރައްވައިފި. ކޯޓް ކަލަންޑަރެއް ތައްޔާރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ލޯސޮަސައިޓީއިން އަލި އަޅުވާލައްވައިފި. އޭރުން ޤާނޫނީ ވަކީލުން ޗުއްޓީ ނެންގެވުމުގައި ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވެ ބައިވެރިންގެ ޚިޔާލަށް އެދިވަޑައިގެންފި. ކޭސްމެނޭޖް މަންޓް ކޯޓުތަކަށް ތަޢާރަފް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލައްވައިފި.
21:30 - ވަކީލުން އުޖޫރައެއް ނުލިބޭ މައްސަަލަތައްވެސް ގެންގުޅުއްވާކަން ލޯސޮސައިޓީއިން ފާހަގަ ކުރެއްވި. ބައެއް ވަކީލުންނަށް ގަޑިއަށް ޙާޟިރު ނުވެވޭތީ މައްސަލަތައް ހިންގުމުގައި ދަތި ވާކަމަށް ދިމާވާކަމަށާއި، މިހެން ދިމާވަނީ އެއްވަކީލަކު އެއްފަހަރު ވަރަށްގިނަ ކުންފުނި ތަކުގެ ފަރާތުންނާއި ވަރަށްގިނަ މައްސަލަތަކުގައި ކޯޓަށް ޙާޟިރުވާތީ ކަމަށާއި، އަދި ބައެއްވަކީލުން އެހެންބައެއް ވަޒީފާތަކުގައި އުޅުއްވާތީ އެކަށީގެންވާވަރަށް ކޯޓަށް ވަގުތު ނުދެއްވޭކަމަށް ބައެއް ބައިވެރިން ފާހަގަ ކުރައްވައިފި.
21:15 - ވަކީލުންގެ ފަރާތުން ވަރަށްގިނަ ޢަދަދަކަށް ކޯޓަށް ޑޮކިއުމެންޓް ހުށަހެޅޭ ކަމަށާއި، މީގެ ތެރޭގައި މައްސަލައާއި މާބޮޑަށް ގުޅުންނެތް ތަކެތިވެސް ބައެއްފަހަރު ހިމެނޭ ކަމަށާއި މިކަމުގެ ސަބަބުން ފަނޑިޔާރުންނަށް ދަތިވާކަން ފާހަގަ ކުރެއްވި. އެއް ވަކީލުން ތަކެއް ހައިކޯޓަށާއި ދަށުކޯޓަށް ޙާޟިރުވާތީ މައްސަލަތައް ފުށުއަރާގޮތް ވާކަން ފާހަގަ ކުރައްވައިފި. ވަކީލުން ބޭނުން ނުވާކަހަލަ ބައެއް ކުދިކުދި މައްސަލަ ތަކުގައި ވަކީލުން ކޯޓަށް ޙާޟިރުވާތީ އެކަމުގެ ސަބަބުން ވެސް ދަތިވާކަން ފާހަގަކުރެއްވި. އަތޮޅުތަކުގައި ވަކީލުން ގެ ޚިދުމަތް ނުލިބޭތީ އަތޮޅުތަކަށް ވަކީލުން ގެ ޚިދުމަތް ލިބޭނެގޮތް ވެދާނެތޯ މެެމްބަރުން ޚިޔާލު ފާޅުކުރައްވައިފި.
![]() |
![]() |
20:45 - ފަނޑިޔާރުންގެ ޤައުމީ މަހާ ސިންތާގައި ލޯސޮސައިޓީ އޮފް މޯލްޑިވްސް އާއެކު ބޭއްވުމަށް ހަމަޖެހުނު ސެޝަން ފެށިއްޖެ. މި ސެޝަންގައި ލޯ ސޮސައިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ލޯސޮސައިޓީގެ ރައީސް އަލްއުސްތާޛު ޝާހީން ޙަމީދާއި، ހިންގާކޮމިޓީ ގެ މެމްބަރ އަލްއުސްތާޛު އަޙްމަދު މުޢިއްޒާއި، ލޯސޮސައިޓީގެ މެމްބަރ އަލްއުސްތާޛު ޢަބްދުﷲ ޝާޢިރާއި ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރ އަލްއުސްތާޛު އިބްރާހީމް ޢަލީއެވެ. ލޯސޮސައިޓީއާއި ބެހޭ ކުރު ތަފްޞީލެއް ދެއްވުމަށްފަހު، މަޝްވަރާ ކުރެއްވުމަށް ފްލޯ ހުޅުއްވާ ލައްވައިފި. ފުރަތަމަ މަޢުޟޫޢެއްގެ ގޮތުގައި ފާހަގަ ކުރެއްވީ "ކޯޓުތަކަށް ޙާޟިރުވާ ޤާނޫނީ ވަކީލުންނަކީ ކޯޓުގެ މަސައްކަތުގައި އެހީތެރިވާ ބަޔެކެ"
20:30 - ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ރޭގަނޑު ދަންފަޅީގެ ސެޝަން ފެށިއްޖެ.