ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006ގެ ފުރަތަމަ ދުވަހުގެ ކަވަރޭޖް – 14 އޯގަސްޓް 2006 (ހޯމަ)
ޖުމްލަގޮތެއްގައި މިރޭގެ ސެޝަންގައި ވާހަކަ ދެކެވުނު ކަންތައްތަކުގެ ތެރޭގައި......
ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގައި މިރޭގެ ދަންފަޅީގައި ޖުމްލަގޮތެއްގައި ބަހުސްކުރެވުނީ ފަނޑިޔާރުންގެ މުސާރައާއި ޢިނާޔަތްތަކާއި ބެހޭގޮތުންނެވެ. މިގޮތުން މިމަޢުޟޫޢުގައި ވާހަކަދައްކަވަމުން މި ބައްދަލުވުމުގެ ބައިވެރިން ފާޅުކުރެއްވި ޝުޢޫރުގައި ފަނޑިޔާރުންނަކީ މުސްތަޤިއްލުގޮތެއްގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށްޓަކައި ވަކިމީހަކަށް ބަރޯސާނުކޮށް އުޅެވޭނެގޮތާއި އެކަށީގެންވާ ޢިނާޔަތްތައް ހުރުން މުހިންމުގައި ވިދާޅުވެފައިވެއެވެ. އަދި ޚާއްޞަ މަޖްލިސް އާއި ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން އަމިއްލަފުޅަށް މުސާރައާއި ޢިނާޔަތްތައް އިތުރު ކުރައްވާއިރު ދައުލަތުގެ އެއްބާރު ކަމަށްވާ، ޝަރްޢީދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެކަށީގެންވާ ޢިނާޔަތާއި މުސާރަ ހަމަޖެހެން ޖެހޭނެކަމަށް ޚިޔާލު ފާޅުކުރެވުނެވެ. އަދި ދާދި އިހަކަށްދުވަހު އުފެދުނު ހިއުމަންރައިޓްސް ކަމިޝަކަމިޝަނަށް ޤާނޫނެއްއުފެދިޙިމާޔަތްތަކާއި ޢިނާޔަތްތަކެއް ހަމަޖެހިގެންދިޔައިރު ޝަރްޢީ ދާއިރާގެ މުސާރައާއި ޢިނާޔަތާއި ބެހޭގޮތުން ގޮތްތަކެއް ކަނޑަނޭޅެންވީ ސަބަބެއް ނެތް ކަމަށް ވަރަށްފުޅާދާއިރާގައި ޚިޔާލުފާޅުކުރެވުނެވެ.22:40 – މިނިސްޓަރގެ ވާހަކަ ފުޅުގައި މިއަދުގެ ދަންފަޅީގައި ބައިވެރިން ފުޅާދާއިރާއެއްގައި ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް ޝުކުރު ދެންނެވި، އަދި މިހިސާބުން މިރޭގެ ސެޝަން ނިންމާލައްވައިފި.
22:38 – މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުހައްމަދު ޖަމީލު އަޙްމަދު ސެޝަން ނިންމާލުމުގެ ގޮތުން ވާހަކަ ފުޅު ދައްކަވަނީ.
22:35 – ބ.ކަމަދޫކޯޓުގެ ސީނިއަރ މެޖިސްޓްރޭޓު އަލްފާޟިލް އަބޫބަކުރު މުޙައްމަދު ވާހަކަފުޅު ދައްކަވަން ފައްޓަވައިފި. އޭނާ ފާހަގަ ކުރައްވަނީ ކޯޓުތަކަށް ބޭނުންވާ ޢަދަދަށް އިންސާނީ ވަޞީލަތްތައް ލިބިދެވިފައިއަދި ނުވާތީ އެމައްސަލަ ޙައްލުވާނެ ގޮތެއްވުމުގެ މައްޗަށް.
22:30 – މިހާރު ވާހަކަފުޅު ދައްކަވަނީ ފ.މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓު އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު. އޭނާ ފަނޑިޔާރުން ރިޓާޔަރ ކުރެއްވުމަށް މިންގަނޑެއް ކަނޑައެޅުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފި. އަދި ކޯޓުތަކުގެ މުވައްޒަފުން އާބާދީއާއި ހުށަހެޅޭ މައްސަލައިގެ މައްޗަށް ބެލިގެން ކަނޑައެޅުމުގެ މައްޗަށްވެސް އަލިއަޅުވާލި. އަދި މިހާރު މެޖިސްޓްރޭޓުންނަށް މަޤާމުގެ ކުރިއެރުމެއް ލިބެނީ 18 އަހަރުން ކަމަށްވާތީ އެނޫންގޮތެއް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ބާރުއެޅުއްވި.
22:15 – މަދަނީކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ވާހަކަފުޅު ދައްކަވައިފި. އޭނާގެ ވާހަކަފުޅުގައި ޢަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފުންނަށްވެސް އެކަށީގެންވާ ޢިނާޔަތްތަކެއް ހަމަޖެހެން ޖެހޭނެކަމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވައިފި، މިހާރު ވާހަކަފުޅު ދައްކަވަނީ މަދަނީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފުޢަލީ. އޭނާ ބޮޑަށް ފާހަގަކުރައްވަނީ ސަރުކާރުގެ ޢާންމު އޮނިގަނޑުން އެއްކިބާވެ ޚާއްޞަ އޮނިގަނޑެއް ފަނޑިޔާރުންނަށް އޮންނަން ޖެހޭނެ ކަމަށް.
22:10 – އާއިލާއާބެހޭ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޔޫސުފް ޙުސައިން ވާހަކަފުޅު ދައްކަވައިފި. މިހާރު ވާހަކަ ފުޅު ދައްކަވަނީ ހއ.ކެލާކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރަޝީދު. އޭނާގެ ވާހަކަފުޅުގައި ރަށުކޯޓުތަކުގެ މެޖިސްޓްރޭޓުންނަކީ ވެސް އެއްމަސައްކަތެއް ކުރައްވާ ބަޔަކަށްވާތީ ޢިނާޔާތްތައް ކަނޑައެޅުމުގައި ތަފާތު ނުކުރުމަށް އެދިލައްވައިފި.
22:00 – މަދަނީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އަލީސަމީރު ވާހަކަފުޅު ދައްކަވަން ފައްޓަވައިފި. އޭނާގެ ވާހަކަފުޅުގައި ޤާޟީން ނަށްވެސް އެމީހުންގެ ބޭނުންތަކުގައި ފަސޭހަ ގޮތަކަށް ކޯޓަށް މައްސަލަތައް ހުށަހެޅޭނެ ގޮތެއްވުމަށް ބާރު އަޅުއްވައިފި.
21:50 – ގްރޫޕް 5 ކަރުދާސް ހުށަހަޅާ ނިމިއްޖެ. އެ ކަރުދާހާބެހޭ ގޮތުން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފި. ފުރަތަމަ ފުރުޞަތު އެރުވުނީ މަދަނީކޯޓުގެ އިސްޤާޟީ އަލްފާޟިލް މުޖުތާޛު ފަހުމީއަށް. އޭނާގެ ވާހަކާގައި ޤާޟީންނަށް ލިބެންޖެހޭ ޢިނާޔަތްތަކާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވައިފި.
21:45 – ގްރޫޕް 5ގެ "މައުޟޫއަކީ ކޯޓަށްބޭނުން ވާނެ އިންސާނީ ވަޞީލަތްތައް" ކަމަށްވާތީ އެގްރޫޕުގެކަރުދާސް ހުށަހަޅުއްވަމުންދާއިރު ބޮޑަށް ފާހަގަ ކުރެވެނީ އެކި މަރްޙަލާގެ ނުވަތަ އެކި އާބާދީ ތަކަށް ގާއިމު ކުރާ ކޯޓުތަކުގައި މުވައްޒަފުން ތިބެންޖެހޭނެ ޢަދަދުތަކާއި ފަނޑިޔާރުންގެ ޢިނާޔަތްތަކާ ބެހޭގޮތުން އަލިއަޅުވާ ލެވިފައިވާކަން.
21:40 – ހއ.ތުރާކުނު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓު އަލްފާޟިލް އަޙްމަދު ނަޞީރު އާދަމް ޚިޔާލު ފާޅުކުރައްވަން ފައްޓަވައިފި. އޭނާގެ ވާހަކަފުޅުގައި މަޝްވަރާކުރުމަށް ކޮމިޓީތަކެއް ހަމަޖެއްސުމާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވައިފި. އޭނާގެ ވާހަކަ ފުޅުނިންމަވާ ލެއްވުމާއެކު ގްރޫޕް 4 ގެ ޕޭޕަރާ ބެހޭގޮތުން ޚިޔާލު ފާޅުކޮށް ނިންމާލައިފި. މިހާރު ގްރޫޕް 5 ގެ ކަރުދާސް ހުށަހަޅަން ފެއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ފ. މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު.
21:30 – ގދ.އަތޮޅުގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް ދޮންމަނިކު ވާހަކަ ފުޅު ދައްކަވައިފި. މިހާރު މަދަނީކޯޓުގެ އިސްޤާޟީ އަލްފާޟިލް މުޖުތާޒް ފަހުމީ ވާހަކަފުޅު ދައްކަވަނީ. އޭނާ ބޮޑަށް ޚިޔާލު ފާޅުކުރައްވަނީ އަގުކޮމިޓީގެ އުޖޫރަ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަބެހޭގޮތުން.
21:25 – މިހާރު ޚިޔާލު ފާޅުކުރައްވަނީ އާއިލާއާބެހޭ ކޯޓުގެ ކާވެނީ ގެ ރަޖިސްޓްރާރ އައްޝައިޚް އިބްރާހިމް ވަހީދުޢަލީއެވެ. އޭނާގެ ވާހަކާގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލައް އަގުކުރުމުގައި މިހާރުދިމާވާ ދަތިތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވައިފި.
21:05 - ފަނޑިޔާރުންގެ ޤައުމީ މަހާސިންތާގައި ގްރޫޕް4ގެ ކަރުދާސް ހުށަހަޅާނިމުނީ 21:00 ގައެވެ. ގްރޫޕް 4 ގެ ކަރުދާސް ކުށަހަޅާ ނިމުމާ ގުޅިގެން އެކަރުދާހާ ބެހޭގޮތުން ބައިވެރިންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މިހާރު ޚިޔާލު ފާޅުކުރައްވަނީ ބ.ކެންދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް އަބޫބަކުރު މުޙައްމަދެވެ.