މިނިސްޓްރީ އޮފް ޖަސްޓިސްގެ ތާރީޚް
(ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުން)

ރާއްޖޭގެ މިހާތަނަށް ހިންގިފައިވާ ޤާނޫނު އަސާސީތަކުގެ އަލީގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތްގޮތް ދިރާސާ ކުރާއިރު އެނގެނީ، އެ ނިޒާމަކީ، ފުރިހަމަ ނިޒާމެއް ކަމެވެ. އަމުދުން އެފަދަ ޒަމާނެއްގައި އެފަދަ ނިޒާމުތަކެއް ޤާއިމް ކުރެވިފައި އޮތުމަކީ ރާއްޖޭގެ ވެރިކަމުގެ ފުރިހަމަކަން ދެހަވެގެންދާ ކަމެކެވެ.

މިގޮތުން 22 ޑިސެމްބަރ 1932 ގައި ރާއްޖޭގެ ފުރަތަމަ އުފެދުނު ޤާނޫނު އަސާސީ އަށް ބަލާއިރު، ޝަރީޢަތް ކުރުމާ ބެހޭގޮތުން ހުރި މާއްދާތަކުގެ ތެރޭގައި "ޝަރީޢަތް ހިންގާ މީހުންނީ، ޝަރީޢަތް ހިންގުމުގައި ޤާނޫނާ ޚިލާފުނުވާހާ ހިނދަކު މިނިވަންކަން ލިބިގެންވާ ބައެކެވެ. އެ މީހުން ހިންގާ ޝަރީޢަތުގެ ތެރެއަށް އެހެން ބަޔަކަށް ނުވަދެވޭނެ އެވެ." މިހެން އޮތް 80 ވަނަ މާއްދާ ހިމެނެއެވެ. އަދި 82 ވަނަ މާއްދާގައި ވެއެވެ. "ޝަރީޢަތްކުރާ މީހުން ކަމުން (މަޤާމުން) ދުރުކުޅައުމާއި އެ މީހުން އެއްތަނުން އަނެއްތަނަށް ނަޤުލު ކުރެވޭނީ ޤާނޫނުގައި ބަޔާން ވެގެންވާ ގޮތްތަކުގެ މައްޗަށެވެ." 83 ވަނަ މާއްދާގައި ވެއެވެ. ކޮންމެ ކަހަލަ ޝަރީޢަތެއްގައި ނަމަވެސް ވަކީލުން ގެންދިއުމީ ހެޔޮވެގެންވާ ކަމެކެވެ. ވަކީލުން ކަމުގައި ފުދޭނީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު ދަންނަ މީހުންނެވެ. "ޖޫރީން" (އެއްފަނޑިޔާރުންނަށްވުރެ ގިނަ ފަނޑިޔާރުން) ތިބެގެން އެމީހުންގެ ޙާޟިރުގަ އެވެ."

އެހެންކަމުން ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ނިޒަމް އެކަށޭނަ ގޮތެއްގައި އޮތެވެ. އެ ޤާނުނު އަސާސީ އަށް 05 ޖުލައި 1934 ގައި ގެނެވުނު އިޞްލާޙަށް ބަލާއިރުވެސް ޢަދުލު އިންޞާފު ޤާއިމް ކުރުން އިތުރަށް ފުރިހަމަ ކުރެވިފައި ވެއެވެ. 5 ޖުލައި 1934 ގެ މިޤާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ވެއެވެ. "ދިވެހިރާއްޖޭގެ އިސްލާމްދީނުގެ އެންމެހައި ޝިޢާރުތައް ފައުޅުކޮށް، މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމްކޮށް ޙައްދު ތަޢުޒީރު ޖަހައި، ޝަރީޢަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ވަލީ މަތި ކުރައްވްވާފައިވާ މީހަކީ ފަނދިޔާރު ބެއިކަލެކެވެ." 71 ވަނަ މާއްދާގައި ވެއެވެ. "ފަނޑިޔާރު ބެއިކަލަކު ޚިޔާރު ކުރައްވައި އިސްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކީރިތި މަރާރަދުންނެވެ." 72 ވަނަ މާއްދާގައި ވެއެވެ. "ފަނޑިޔާރު ބެއިކަލަކަށް ހުންނާންވީ ސިފަތައް. (1) ފިރިހެނަކު ކަމުގައިވުން. (2) ރާއްޖޭގައި އެ ހިނދަކަށް ތިއްބެވި ޝާފިހީ މަޒުހަބުގެ ޢިލްމުވެރިން ކުރެ ފިޤުހުވެރިކަމަށް ބޮޑު ހެޔޮލަފާ ދީންވެރިއަކު ކަމުގައިވުން. (39 ޝަރީޢަތުގެ ޙައްދެއްގައި ބެދި އަބުރެއްނެތް މީހަކު ކަމުގައި ނުވުން. (4) އަމާނާތްތެރިއަކު ކަމުގައިވުން. (5) ޝަރީޢަތުގެ ކަންތައްތައް ބަލަހައްޓައި ޙުކުމްތައް ފައުޅުކޮށް މަޙުކަމަތުއް ޝަރުޢިއްޔާ އާއި ބެހޭ އެންމެހައި ކަންތައްތައް ހިންގުމުގެ ލަޔާޤަތުގައި ހުރި މީހަކު ކަމުގައިވުން." 73 ވަނަ މާއްދާގައި ވެއެވެ. "ޝަރީޢަތް ހިންގަ މީހުންނީ ދީނުގެ ސައްޙަ މަގުމައްޗަށް ޝާފިޢީ މަޒުހަބަށް ޝަރީޢަތް ހިންގުމުގައި، މިނިވަންކަން ލިބިގެންވަ ބައެކެވެ. މިމަގަށް އެބައިމީހުން ޝަރީޢަތް ހިންގާހާ ހިނދަކު، އެއިގެ ތެރެއަށް އެހެން މީހަކަށް، ނުވަތަ ބަޔަކަށް ނުވަދެވޭނެ އެވެ." 74 ވަނަ މާއްދާގައި ވެއެވެ. "ޝަރީޢަތް ކުރާ މީހުން ކަމުން ދުރުކުރުމާއި، އެ މީހުން އެއްތަނުން އަނެއްތަނަށް ނަގުލު ކުރެވޭނީ ޤާނޫގައި ބަޔާންވެގެންވާ ގޮތްތަކުގެ މައްޗަށެވެ." 75 ވަނަ މާއްދާގައި ވެއެވެ. " ކޮންމެ ކަހަލަ ޝަރީޢަތެއްގައި ނަމަވެސް ވަކީލުން ގެންދިއުމީ، ހެއުވެގެންވާ ކަމެކެވެ. ވަކީލުން ކަމުގައި ފުދޭނީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނު ދަންނަ މީހެކެވެ."

ރާއްޖޭގެ ދެވަނަ ޤާނޫނު އަސާސީ އަށް ފުރަތަމަ ފަހަރަށް ގެނެވުނު އިޞްލާޙުގެ ދަށުން 31 މެއި 1951 ގައި ޢަމަލު ކުރަން ފެށުނު ޤާނޫނު އަސާސީ އަށް ބަލާއިރުވެސް ޢަދުލު އިންޞާފު ޤާއިމް ކުރުން އޮތީ އެކަށޭނަ ފުރިހަމަ ގޮތެއްގަ އެވެ. އެ ޤާނޫނު އަސާސީގެ 62 ވަނަ މާއްދާގައި ވެއެވެ. "ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހައި ޝިޢާރުތައް ފައުޅުކޮށް، މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤައިމުކޮށް، ޙައްދު ތައުޒީރުޖަހައި، ޝަރީޢަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ވަލީ މަތިކުރައްވާފައިވާ މީހަކީ، ފަނޑިޔާރު ބެއިކަލެކެވެ. އެ ބޭކަލަކީ އެއްވެސް ޙާލެއްގައި ވަކިފަރާތަކަށް ޖެހިގެންވަނެ ބޭކަލެއް ނޫނެވެ، ފަހެ، އެ ބޭކަލަކީ ރާއްޖެތެރޭގައި (އެބަހީ، މުޅި ރާއްޖޭގައި) ހިނގަމުންދާ ސިޔާސީ ޙަރަކާތްތެރިކަމުން، މުޅީން އެއްކިބައިވެ، ވަކިފަރާތކަށް ނުޖެހި ހުންނަންވަނެ ބޭކަލެކެވެ. "64 ވަނަ މާއްދާގައި ވެއެވެ. "ޝަރީޢަތް ހިންގާ މީހުންނީ ދީނުގެ ސައްޙަ މަގުމައްޗަށް ޝާފިޢީ މަޒުހަބަށް ޝަރީޢަތް ހިންގުމުގައި، މިނިވަންކަން ލިބިގެންވާ ބައެކެވެ. މިމަގަށް މިބައިމީހުން ޝަރީޢަތް ހިންގާހާ ހިނދަކު، އެއިގެ ތެރެއަށް އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުވަދެވޭނެ އެވެ. ނަމަވެސް، މަޙުކަމަތުއްޝަރީޢާއިން ނިންމި ޤަޟިއްޔާއެއް ޢަދުލު އިންޞާފުން އެއްކިބާ ވެފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެކަމަށްޓަކައި އޮންނަ ޚާއްޞަ ކޮމެޓީއަކަށް އިސްތިއުނާފް ކުޅައުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހަށް ލިބެގެން ވެއެވެ. މިނަންގަތް ކޮމެޓީ އެކުލެވިގެންވާނީ، ފަނޑިޔާރު ބޭކަލަކާއި، ވަޒީރުލްއައުޒަމާއި، ރައްޔިތުންގެ މަޖިލިސްގެ ފަރާތުން އިންތިޚާބު ކޮށްފައި ހުންނަ ދީނުގެ ޢިލްމުވެރިއެއްގެ މައްޗަށެވެ."

ޖެނުއަރީ1، 1953 ގައި މުޙައްމަދު އަމީނުގެ ރިޔަސަތުގައި ހިންގަން ފެށުނު ޖުމްހޫރީ ވެރިކަމުގެ ޤާނޫނު އަސާސީގައި އޭގެ ކުރިން ހިނގަމުންދިޔަ ރަސްކަމުގެ ޤާނޫނު އަސާސީތަކަށްވުރެ ޢަދުލު އިންޞާފު ޤާއިމް ކުރުން ފުރިހަމަ ނޫންކަމަށް ބެލެވެއެވެ. މިޤާނޫނު އަސާސީގައި 29 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ފަނޑިޔާރު ގެއެއް ހުންނަން ވަނެ ކަމަށާއި، ފަނޑިޔާރު ގޭގެ ވަރިން އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރު ބޭކަލަކާއި، އެފަހަރަކު ޤާނޫނުގައި ކަނޑައެޅިގެންވާ ނާއިބު ބޭކަލެއްގެ މައްޗަށް ކަމަށް ވެއެވެ. އަދި އުއްތަމަ ފަނޑިޔާރު ބޭކަލަކާއި، ނާއިބު ބޭކަލުން ޢައްޔަން ކުރާނީ ވަލިއްޔުލް އަމުރު ބަޔާންވެގެން ވެއެވެ.  މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތުމާއި، ފަނޑިޔާރުންނަށް ޝަރީޢަތް ކުރުމުގއި ލިބިގެންވާ މިނިވަންކަމުގެ ތަފްޞީލެއް މި ޤާނޫނު އަސާސީގައި ނެތުމުން އޭގެ ކުރީގެ ޤާނޫނު އަސާސީތަކަށްވުރެ ފުރަތމަ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ރަނގަޅު ނޫންކަމަށް ވެއެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވި ދިއުމަށްފަހު 07 މާރޗް 1954 ގައި އުފެދުނު ރަސްކަމުގައި ހިންގަން ފެށުނު ދިވެހިރާއްޖޭގެ ހަތަރުވަނަ ޤަނޫނު އަސާސީއަކީ ވަރަށް ފުރިހަމަ ޤާނޫނު އަސާސީއެއް ކަމަށް ވެއެވެ. މި ޤާނޫނު އަސާސީގައި އަދުލު އިންޞާފު ޤާއިމު ކުރުން އެކަށޭނަ ގޮތެއްގައި ވަނީ ފުރިހަމަ ކުރެވިފައެވެ. މި ޤާނޫނު އަސާސީގެ 72 ވަނަ މާއްދާގައި ފަނޑިޔާރު ބޭކަލެއްގެ ވަހަކަ ބަޔާން ވެގެން ވެއެވެ. ވާހަކަ ބަޔާންވެގެން ވަނީ މިފަދައިންނެވެ. "ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހައި ޝިޢާރުތައް ފައުޅުކޮށް، މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމްކޮށް، ޝަރީޢަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ވަލީ މަތިކުރައްވާފައިވާ މީހަކީ، ފަނޑިޔާރު ބޭކަލެކެވެ. ފަހެ، އެބޭކަލަކީ ރާއްޖޭގައި ހިނގަމުންދަ، ސިޔާސީ ހަރަކާތްތެރިކަމުން، މުޅިން އެއްކިބައިވެ، ވަކިފަރާތަކަށް ނުޖެހި ހުންނަންވާނެ ބޭކަލެކެވެ." 73 ވަނަ މާއްދާގައި ވެއެވެ. "ފަނޑިޔާރު ބޭކަލުން ޚިޔާރު ކުރައްވައި އިސްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކީރިތި މަހާރަދުންނެވެ."

1954ގެ މިޤާނޫނު އަސާއސީއަށް ބަލާއިރު ދައުލަތުގެ އެންމެމަތީ ވެރިއަކީ ރަދުންނެވ. ދައުލަތް ހިންގުމުގެ ބާރު ލިބިގެންވަނީ ދެ މަޖިލީހަކަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހަށާއި، ވަޒީރުންގެ މަޖިލީހަށެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހައި ޝިޢާރުތައް ފައުޅުކޮށް، މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤައިމުކޮށް، ޝަރީޢަތުގެ އެންމެހައި ކަންތައްތައ ބެލެހެއްޓުމުގެ ބާރު ލިބިގެންވަނީ ފަނޑިޔާރު ބޭކަލަކަށެވެ. މިކަން މިގޮތުގައި ޖެނުއަރީ10، 1967 ގައި ޝައިޚް މުޙައްމަދު ޖަމީލުދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިވެ އެމަޤާމު ޤާނޫނު އަސާސީން ނެތިގެންދިއުމާ ހަމައަށް އޮތެވެ. އެހެންކަމުން ރާއްޖޭގެ ޤާނޫނު އަސާސީތަކަށް ނަޒަރު ހިންގާލާއިރު ފެންނަންއޮތް ޙަޤީޤަތަކީ ޖުމްހޫރީ ވެރިކަމުގެ ނަމުގައި ނުވަތަ ގޮތުގައި ހިނގަމުންދިޔަ ވެރިކަންތަކަށްވުރެ ރަސްކަމުގެ ނަމުގައި ހިނގަމުންދިޔަ ވެރިކަންތަކުގައި ޢަދުލު އިންޞާފު ޤާއިމް ކުރުމާއި، ދީނީ ޝިޢާރު ފާލުކުރުން އޮތީ މިނިވަން މުސްތަޤިއްލު ގޮތެއްގައި ކަމެކެވެ. މިއީ، މިޖީލުގެ ދަރިން ނުވަތަ މިހާރުގެ ދިވެހިން އިބްރަތާއި ފިލާވަޅު ލިބިގަންނަންވީ ކަންކަމެވެ.